މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި ބިދޭސީ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

އޭނާ ވެއްޓުނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ބިދޭސީ މީހާ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައިވާ ކަމަށެވެ.

އަދި އާއިލާއިން އެދިގެން އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.