ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް އިސްތިއުފާދީފިއެވެ.

މުއާޒް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައެވެ.

މުއާޒް ހަލީމް ވިދާޅުވީ، މަގާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސް މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްކަމަށެވެ.

އެހެންކަމުން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އިސްތިއުފާ ދީފައިވާކަމަށް މުއާޒްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.