ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ މީހާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހަމަލާ ދީފައި ވަނީ އެ ބިދޭސީ މީހާ މާލޭގެ ކަރަންކާމަގުގައި ހުއްޓައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.