މިދިޔަ މާރިޗު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި ސުކޫކް ދެއްކުމުގެ ކުރިން 400 މިލިޔަން ޑޮލަރަށް ވުރެ އިތުރަށް ހުރިކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވްގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ހުރީ 1.27 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މާރިޗު މަހު މިއަދަދު 4.7 އިންސައްތަ އިތުރުވެ، 1.33 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް، ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 337 މިލިޔަން ޑޮލަރެވެ. ނަމަވެސް މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ 21.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވަށް ކުރިއެރުން އައިސްފައިވާއިރު މާރިޗު މަހުގެ ނިޔަލަށް ހުރި މި އަދަދުތަކަކީ ރާއްޖެއިން މިހާތަނަށް ދައްކަން ޖެހެނު އެންމެ ބޮޑު ދަރަނި ކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ހުރި އަދަދެވެ. ގާތްގަނޑަކަށް މުޅި 8.1 ބިލިޔަން ރުފިޔާ މި ދަރަނީ ދެއްކުމަށް ހޭދަކޮށްފައެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސުކޫކުގެ ފައިސާ ދައްކާފައިވަނީ ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ފާއިތުވި ދެ އަހަރު ދުވަހު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ސަރުކާރުގެ މާލީ ރިޒާވް ކަމުގައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރި ފައިސާއިންނެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 350 މިލިއަން ޑޮލަރު ރައްކާކޮށްފައި ހުރިއިރު ރިޒާވް 1.2 ބިލިއަނަށްވުރެ މަތިވެ، ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު 352 މިލިއަން ޑޮލަރަށްވުރެ މަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ސުކޫކު ދެއްކުމަށްފަހު ރިޒާވްގައި އިތުރު 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެއެވެ.