އެމްޑީޕީން މުޒާހަރާ ކުރަނީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެނެއް ނޫން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީން މިހާރު ކޮންމެ ރެޔަކުހެން ކުރަމުން އަންނަ މުޒާހަރާތަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ވަކިކަމެއް ގޯސްކޮށް ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގައި ކަމަށާއި ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމައެހެންމެ ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މި މުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އެއީ ޤުރުބާންވީ ތިމަންނައޭބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް ކަމަށާއި މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައިދެކެވަޑައި ގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.