ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ދެ ބޭފުޅުން އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ފައްޔާޒް އިސްމާއިލް ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް އެމަނިކުފާނު ތާއީދު ކުރައްވާކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މަސައްކަތްކުރައްވާނީ މި ބަދަލުތަކަށް އެމްޑީޕީގެ އެއްބަސްވުމާއި، އެމީހުންގެ ބަލައިގަތުން ހޯދުމަށްކަމަށެވެ. އަދި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

އޭނާ ވިދާޅުވި އެކަން ކުރަން ނިންމެވީ ބަދަލުތައް ހޯދުމަށް ކަމަށެވެ. އަދި މި ބަދަލުތައް މިހާރު ބޭނުން ވާކަމަށާއި އެއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންވީ ބަދަލެއް ނޫން ކަމަށް ވިދާޅުވިއެވެ. މި ބަދަލުތައް ހޯދުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ސީދާ ހަރަކާތަށް ދިއުން، ސުލްހަވެރި ހިނގާލުންތަށް ބޭއްވުން، އެއްވުނތައްބޭއްވުން ޖަލްސާތައްބޭއްވުން، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮސް، ރާއްޖޭގެ ހުރިހާ ރައްޔިތުނގެ ބައިވެރިވުން މި ވިސްނުމުގައި މި ބޮޑު ބަދަލު އެއީ އެ ހުރިހަ ރައްޔިތުން އެދޭ ބޮޑު ބަދަލެއްގެ ގެތޮތުގައި ކުރިއަށް ގެންދިއުން. އެހެންވިމާ އެ މަސައްކަތް ކުރާނަން"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައިވެސް އޭނާ ހުންނަވާނީ ފައްޔާޒާއި އެކުގައި ކަމަށެވެ. އަދި މި ބަދަލުތައް މިހާރު ގެނެވޭނެ ކަން ފަހަގަކުރައްވާ އޭނާ ވިދާޅުވީ 2028 އާ ހަމައަށް ނުތިބޭނެ ކަމަށެވެ.

އެއީ ރާއްޖޭގެ ރައްޔިތުންނަށް ޖައްސާފައި ބޭއްވޭނެ ދަންތުރައެއްނޫން ކަމަށާއި އެ ބަދަލުތައް ގެންނަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ދައުލަތުގެ ވެރިއެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ޝައުގުވެރިކަން އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ މި ބަދަލުތައް ގެނައުމަކީ އޭނާ ވަރަށް ކުރިއްސުރެއް ދައްކާ ވާހަކައެއް ކަމަށާ، ފައްޔާޒް އަށް ތާއިދު ކުރައްވާކަން އެމްޑީޕީގެ އިސްލީޑަރުންނަށްވެސް އެނގޭނެ ކަމަށެވެ.