ވަޒީފާ ދިނުމުގައި އިސްކަންދޭންވާނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާ ބެހޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި، އެ ނަތީޖާއަށް ބިނާކުރައްވައި ސަރުކާރު ހިންގުމުގެ ނިޒާމަށް އިސްލާހު ބަދަލުތަކެއް ގެންނަވާނޭކަން ހާމަކުރައްވާފައެވެ.
އެގޮތުން، ސަރުކާރުގެ ސައިޒާއި ހަރަދުތައް ކުޑަކޮށް، މީހުން އައްޔަންކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހާއްސަކޮށް މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަންކުރެވޭ މަގާމުތައް ހުރެގެން ނުވާނޭކަމަށެވެ.
ވުޒާރާތަކަށް މީހުން އައްޔަންކުރުމުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ އިހުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތްތަނުގައި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ކޮންމެހެން އައްޔަންކުރައްވަން ޖެހިވަޑައިގެންފި ހާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓާސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.