ތ. ގާދިއްފުށީގެ ބިން ހިއްކާ ނިންމާލައިފިއެވެ.

މި މަސައްކަތް ނިމިފައިވާކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ގާދިއްފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އެ މަސައްކަތް ފެށި ދުވަހު ރައީސް ވިދާޅުވިގޮތަށް 10 ދުވަހުގެ ތެރޭގައި އެ މުޅި މަޝްރޫޢު ވަނީ ނިންމާލާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ މި ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކާ ދިމާކޮށް މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށެވެ.

އެގޮތުން މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއް ނުލިބުނުމަވެސް އެރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށެވެ.

މިގޮތުން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށެވެ.

ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 10 ދުވަސްތެރޭގައި އެރަށުން 11 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އެ މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.