ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ މަރުވި ހާދިސާއާ ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތަކާއި، ވީޑިއޯ ފަދަ ތަކެތި ނުފެތުރުމަށް ފުލުހުން މިރޭ އެދިއްޖެއެވެ.
ފުލުހުން ބުނީ، ރޭ މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ހިދުމަތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން އެ ހިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން، ފުލުހުން ވަނީ ސައްހަކަން ކަށަވަރުނުކުރެވޭ އެ ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ސިދާގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާގައި އޮންނާނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަނާލަކީ އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ތަނެކެވެ.