ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިލްތިމާސްކުރައްވައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ސީޕީ މިފަދައިން އިލްތިމާސްކުރެއްވީ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް ޒިޔާރަތްކުރައްވައި، އެ ކޮލެޖުގައި ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ މި ޒިޔާރަތުގައި ކޮމިޝަނާ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެެއެވެ.
މީގެ އިތުރުން އެ ކޮލެޖުގައި މިހާރު ކުރިއަށްގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ މުހާތަބުކުރައްވައި، ތަމްރީނުގެ މަރުހަލާގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމުގައި ވިދާޅުޅުވެފައި ވެއެވެ.
ހަމަމިއާއެކު އިންސްޓްރަކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވެ، ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށާއި، އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނާ ދަރިވަރުންނަށް ހިތްވަރުދެއްވި ކަމަށް ފުލުހުން ބުނެއެވެ.