އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި ސާފުޠާހިރުކަމާއި ޒީނަތްތެރިކަމަށް އަލިއަޅުވާލައި ބުނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއް ކަމަށެވެ. އަދި އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން ޢާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށްކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި، އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެން ކަމަށް ހުތުބާގައި ބުނެއެވެ.

ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންނެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ الله سُبْحَانَهُ وَتَعَالَى ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ."

ހުކުރު ޙުތުބާ

ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން ކަން ފާހަގަކޮށް ޙުތުބާގައި ބުނީ ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއް ކަމަށެވެ.

މީގެ އިތުރުން މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި އެ ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ ވަނީ "ފިޠުރަތުގެ ސުންނަތްތައް" އުނގަންނައިދެއްވައިފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި ކަންކަމަށް ފަރުވާކުޑަކޮށް، މިއާ ޚިލާފަށް ޢަމަލުކުރުމަކީ މުސްލިމުންގެ އަޚުލާޤެއް ނޫން ކަމަށް ޙުތުބާގައި ބުނެއެވެ.

އެއީ ޖަރާސީމު އުފެދި، ހަށިގަނޑުން ނުބައި ވަސް ދުވުމަށް މެދުވެރިވާ ކަމެކެވެ. އަދި އެއީ އިންސާނީ ރީތި ފިޠުރަތާ ޚިލާފު ސިފައެކެވެ."

ހުކުރު ޙުތުބާ

ޙުތުބާގައި އިތުރަށް ބުނީ އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެއް ކަމަށެވެ. އަދި ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ."

ހުކުރު ޙުތުބާ

އަނބިދަރީން މިފަދަ ކަންކަމަށް އަރައިގަންނަނީ ފަހަރުގައި އެ ކަމުގެ ޙުކުމް ނޭނގިގެން ނުވަތަ ފަރުވާކުޑަވެގެން ކަމަށް ވެދާނެކަމަށް ހުތުބާގައި ބުނެއެވެ. އެހެންކަމުން، ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދޭން ހުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.