ލޯނު ދައްކަން ޖެހިގެން ރަށްރަށުގައި ހުރި މަޝްރޫއުތައް ނުފެށި ހުރި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫ ކޮންގްރެސް ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ މިމަސް ތެރޭގައި މި ޤައުމަށް ލިބުނު ފައިސާގެ ތެރެއިން 925 މިލިޔަން ޑޮލަރު (1.4 ބިލިޔަން ރުފިޔާ ) ދައުލަތުން އެމްޑީޕީއިން ނެގިހާ ލޯނު ދައްކާފައިވާ ކަމަށެވެ.
އަދި މި ކަންކަމުގެ ސަބަބުން އަސަރު ކުރާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ރަށްރަށުގައި ރައްޔިތުން އުޅެނީ ވަރަށް ހާލުގައިކަމަށެވެ. އަދި މެންބަރު ޝުޖާއުގެ ރަށުގެ ރައްޔިތުން މިސްކިތެއް ނެތިގެން އުޅޭތާ ވަރަށް ގިން ދުވަސް ވެފައިވާ ކަން ފާހަގަކުރައްވާފައިވެއެވެ.
ނަމަވެސް ބާރު ސްޕީޑްގައި މިސްކިތެއް ނޭޅިގެން އުޅެނީ އެމްޑީޕީން ނެގިހާ ލޯނުގެ ސަބަބުން ކަމަށާ އެއިން ކުރިކަމެއް ނެތް ކަމަށެވެ.
މި ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒު ފެއްްޓެވި ކަމަށާއި، ދެން ފެށޭނީ ހަގީގީ ޕީއެންސީގެ ވެރިކަން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ފިއްލަދޫގައި އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ރަށެއް ކަމަށެވެ. އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ދައްޕަރާއި އަޅައިގަނެގެން ނެއްޓިގެން ނޭނގިގެން އުޅުނު ކަމަށާއި، ފިއްލަދޫ ކައުންސިލްގެ އިހުތިސާސުން ދައްޕަރު ވަކިކޮށް، ސެކަންޑް ހޯމް ކިޔާ އެއްޗެއް ތައާރަފްކޮށް، އެހެން ބަޔަކަށް އެތަން ދޭން އެމްޑީޕީން މަސައްކަތް ކުރި ކަަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ދައްޕަރު ސަލާމަތް ކުރީ ފިއްލަދޫގެ ޒުވާނުން ކަަމަށެެވެ. އަދި ކުރިއަށް އޮތްތަނުގައި ފިއްލަދޫ ފެނިގެންދާނީ މާ އުޖާލާ، މާ ފާގަތި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަމަށެވެ.