މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތައް ބާސެލޯނާގައި ބޭއްވި ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް މައުރަޒުގައި ބައިވެރިވެއްޖެއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، 21 އިން 23 އެޕްރީލް 2026 އަށް ކުރިއަށް ދިޔަ މި މައުރަޒުގައި ބައިވެރިވި ކުންފުނިތަކަކީ ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓް ވޯޓަރ އަދި ބިގް ފިޝް މޯލްޑިވްސް އެވެ.

ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މި މައުރަޒަކީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައުރަޒުގެ ތެރެއިން "ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް"ގެ ނަމުގައި ރާއްޖޭގެ ޕެވިލިއަންގައި ހާއްސަ ސައިޑް އިވެންޓެއް ބާއްވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މި ހަރަކާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާ އަދި މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނަވައި ޕެނަލް ޑިސްކަޝަނެއް ބޭއްވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކު ކުރާ މަސްވެރިކަން ބަލައިގަނެ ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓެރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމުން އެންމެ ފަހުން، މިއަހަރުގެ އެޕްރީލް މަހުގައި އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންގެއް ވަނީ ކަނޑައަޅައިފައެވެ.

މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅައި، މުޅި އިންޑިއާ ކަނޑުގެ ސަރަޙައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި "ބެސްޓް ޗޮއިސް"ގެ ގޮތުގައި ދިވެހިރާއްޖޭގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ.

މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަން ދެމެހެއްޓުމުގައި ލިބުނު ކާމިޔާބީގެ އަސާސަކީ ދިވެހިންގެ ސަގާފަތާއި ހަރުދަނާ ސިޔާސަތުތައް ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް ދުނިޔޭގެ ބާޒާރުން ބަލައިގަނެ، އެކަށީގެންވާ މަންފާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވީ، ސަރުކާރާއި އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުމާއެކު ބާސެލޯނާގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން މަސްވެރިކަމުގެ ވިޔަފާރީގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓުވަޑްޝިޕް ކައުންސިލް (އެމް.އެސް.ސީ) ސެޓިފިކޭޝަން ވަނީ މިއަހަރުގެ މާރިޗު މަހު ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށް ވެސް ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ނިސްބަތުން ކަނޑުމަހުގެ މުޅި މަސްވެރިކަން ސެޓިފައިކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.