އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 27 އިންސައްތަ ދަށްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހު 22 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 110،178 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 150،808 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންވެ، މިއީ 27 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެއީ، 111،380 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 95،645 ފަތުރުވެރިން ޒިޔާރަތްކުރި އިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވަނީ 70،822 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ރާއްޖެ އަންނަ މެދުއިރުމަތީގެ ރޫޓްތަކުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެ ގޮންޖެހުން ރާއްޖެއަށް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.