ގއ. ވިލިނގިލިން ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްޗަށް ބޮޑެތި ގިނަ ދައުވާތައް ނުކުރަން ނިންމައި، އެ މީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
އޮޕަރޭޝަން "އަލިމަގު" ގެ ނަމުގައި މާލެ އާއި ގއ. އަތޮޅުގައި މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޑްރަގާ ގުޅުންހުރި 10 ތަނެއް ބަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި، ޝެވޯނާ، އުމުރުން 28 އަހަރުގެ ޝައްފާހު ލަތީފު އައި، ގއ. ވިލިނގިލި، މިޔުޒިކީގެ، އުމުރުން 33 އަހަރުގެ އަހުމަދު މަދީހް އާއި، ގއ. ވިލިނގިލި، އައިޒަން، އުމުރުން 30 އަހަރުގެ އަހުމަދު އަނާމް އިބްރާހިމްގެ އިތުރުން ގއ. ވިލިނގިލި، އަރާއިރުގެ، އުމުރުން 35 އަހަރުގެ ނޫރުއްނިޒާމްއެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
އެ މީހުންނަށް ކޮށްފައިވަނީ، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާތައް ސާބިތުކޮށްދެވޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުން އެ ދައުވާތައް ނުކުރެވޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ބަންދުން ދޫކޮށްލަން ވެސް ޕީޖީން ވަނީ އަންގައިފައެވެ.
އެ މައްސަލާގައި މި ވަގުތަށް ދައުވާ ނުކުރިޔަސް، ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންގޮސް އަދި ލިބޭ ކުރިއެރުންތައް ޕީޖީ އޮފީހާ ހިއްސާކުރަން ވަނީ އަންގައިފަ އެވެ.
ބޮޑެތި ދައުވާތައް ނުކުރިއަސް މަދީހުއާ އަނާމް އަދި ޝައްފާހުގެ މައްޗަށް ވަނީ ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް މިއަދު ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް، ނޫރުއްނިޒާމްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.