ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވާތީ ބެލެނިވެރިން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީސްގައި ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު އިޙްސާން ވަނީ ފުލުހުންނަށް ހުށަޅާ މައްސަލަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށްވުރެ އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންނާއި ޖިންސީގޮތުން ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ

ކުޑަކުދިން ކުށުގައި އުޅުމަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކުރެވެމުންދާ ބައެއް ޖިނާޢީ ކުށްތައް، ކުޑަކުދިންނަށް ގޯނާ ކުރުމާއި އަނިޔާކުރުމާއި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމާއި މިފަދަ ކަންތައް ގިނަވަމުންދާ ވާހަކަ އަޅުގަނޑު މިފާހަގަކުރީ. މިކަމުގައި އަޅުގަނޑުމެންގެ އާއިލާތަކުން، ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެކުދިންގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމަށްޓަކައި

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާއަރަކަށްވި 19 ކުއްޖެއްގެ މައްސަލައާއި ގަނާގެ ޝިކާރައަކަށްވި 2 ކުއްޖެއްގެ މައްސަލައާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި 13 ކުއްޖެއް އަދި ގްރޫމް ކުރުމުގެ 5 މައްސަލައެއް ހިމެނެއެވެ.