މިއަދު މި ފެންނަނީ ރައީސްގެ ކެތްތެރިކަމާއި، ރީތިކޮށް ކުރާ ވެރިކަމުގެ ނަތީޖާ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެއަށް ލިބިފައި ވަނީ ދެ ނަސީބެއް ކަމަށެވެ. އެއީ އިސްލާމް ދީނުގެ އަގީދާގައި ގަދަޔަށް ފައިތިލަ ސާބިތުކޮށްގެން، ސައްތައިން ސައްތައިގެ މުސްލިމުންނަށް ވުމާއި، ދިވެހިންނަށް ލިބިފައިވާ ވެރިޔާ، ރައީސް ޑރ. މުހައްމދު މުއިއްޒުގެ ކެތްތެރިކަމާއި، ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ، މި ދުވަސްވަރު އެތައް ގައުމެއް ތެލާއި ގޭހާއި ކާޑަށް ޖެހިފައިވާކަމަށެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ރައިސް މުއިއްޒު ކުރައްވާ ވެރިކަމުގެ ސަބަބުން ރާއްޖެ ތެލާއި، ކާބޯތަކެއްޗަށް ނުޖެހޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން ދެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިފައިހުރި ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާﷲ، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،"

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ވިދާޅުވީ ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް ނަގަންޖެހޭގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާކަމަށެވެ.

މި ވެރިކަމުގައި މާލޭގެ ވިޔަފާރި ބަނދަރު މާލެއާ ކައިރި ތިލަފުށްޓަށް ބަދަލުވެ، އިގްތިސާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވަނީ ގޭހުގެ އަގު ބޮޑުވިޔަކަ ނުދޭނެ ކަމަށާއި، ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށާއި ހަމަ އެހެންމެ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް، ތަކުރާރުކޮށް ވިދާޅުވެފައެވެ.