މަސްތުވާތަކެއްޗާ ބެހޭ ގާނޫނުތަކަށް ގެނައި ބަދަލުތަކާއެކު އަދަބުތައް ވަރަށް ބޮޑަށް ހަރުކަށިވެފައިވާތީ، ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން އެކަމަށް ސަމާލުވުމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އިލްތިމާސްކޮށްފި އެވެ.
އެންސީބީން ނެރުނު މި އެޑްވައިޒަރީގައި ބުނެފައިވަނީ، ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން އެހެން މީހުންގެ ދަބަސް ނުވަތަ މުދާ އުފުލައިދިނުމުގައި އިންތިހާއަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. މިފަހަކަށް އައިސް ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބޭރު ގައުމުތަކުގެ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް، އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ވެސް ހިމެނޭކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ މަހު އެވެ.
މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެގޮތުގެމަތިން ޙުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލަށް ގެނައި އެހެނިހެން އިޞްލާޙުތަކަށް ބަލާއިރު، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ވަނީ ހިމަނައިފައެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެ އަދި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ 20 އަހަރުގެ މުއްދަތަކަށް ޖަލައްލައި، ހަތްދިހަ ފަސްހާސް ރުފިޔާއިން ފެށިގެން ހަތްމިލިއަން ފަސްލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅައިފައެވެ.
މި އެޑްވައިޒަރީ ނެރެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށް، ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.