މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.

ޕީޖީ އައްބާސް މިކަމަށް ގޮވާލެއްވީ އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ އަދުލާ ގުޅޭ ބައިނަލްއަގްވާމީ ކޮމިޝަން – "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައި ފާހަގަކޮށް، ރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައް ކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ އަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

އޭގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކޮށް، މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ގައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތްކުރެވޭނީ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަހުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެންކަމަށް ޕީޖީ އައްބާސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ގައުމުގައި ހުރީ އެކިވަރަށްކަމުން، އެއްގައުމުގައި ހުންނަ ވަސީލަތް އަނެއް ގައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޕީޖީ އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ޕީޖީ އައްބާސް އިތުރަށް ވިދާޅުވީ ރާއްޖެ އޮތީ އެ ދާއިރާއިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ގައުމުތަކުން ހިންގާ އެބާވަތުގެ ތަހުގީގުތަކަށް ރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށެވެ.

"ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ އަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވަނީ ޕީޖީ އައްބާސްގެ އިތުރުން، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މުހައްމަދު އަބްދުﷲ އާއި، އަޝްފާގު ނައީމާއި، އަހްމަދު އައިމަން އަލީއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މި މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.