2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ށ. ފޭދޫއަށް ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވަރަށް ގިނަ މަގާމުތައް މިހާރު އަދާކުރެވިފައިވާ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ބޭރުގެ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ގައުމުގެ ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް ކަމަށާއި، ރިޔާސީ ކެމްޕެއިން ނިމޭއިރު ވެސް އެކަމުގެ ވަރުބަލިކަން އިހުސާސްވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފަދަ ޒުވާން ޖީލަށް ފުރުސަތު ދެއްވައި، މުގުލުގައި ހުންނަވަން ބޭނުންވާ ކަމަށެވެ.
އެޕްރީލް 19 ވަނަ ދުވަހު ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ވާދަކުރައްވާނެކަމާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ނަމަވެސް، ނަޝީދުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެދެމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ވެރިކަން ކުރާ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވަކާލާތުކުރުމުގެ ގޮތުން، "ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒް ހުށަހެޅުމެއް ހުށަހަޅުއްވާފައި ވާއިރު، އެ ހުށަހެޅުމުގައި ވާ ގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރު ހިންގާ މީހާއަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ނަޝީދު ވަނީ އެ ހުށަހެޅުމަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ދައުަލަތުގެ ވެރިޔަކަށް ވުމުގެ ޝައުގެވެރިކަން ފާޅުކުރައްވާފަ އެވެ.