ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ ގޮތުން ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތަކުގެ ޓިކެޓްގެ އަގުހެޔޮކޮށްފި އެވެ.

ހޯމަ ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ ދެ މެޗަށް ޓިކެޓް ވިއްކާފައިވަނީ، ސިޑިބަރިން 100 ރުފިޔާ އަށާއި ގޮނޑިބަރިން 200 ރުފިޔާ އަށެވެ. ނަމަވެސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ވަނީ ސިޑިބަރިން 50 ރުފިޔާ އަދި ގޮނޑިބަރިން 100 ރުފިޔާއަށް ޓިކެޓް ވިއްކަން ނިންމާފަ އެވެ. ކޮންމެ މެޗަކަށްވެސް އެންމެ ގިނަވެގެން ވިއްކާނީ 4000 ޓިކެޓު ކަމަށް އެފްއޭއެމްއިން ވަނީ ބުނެފަ އެވެ.

ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ޕާކިސްތާން 0-0 އިން އެއްވަރުވި މެޗަށް ވަދެފައިވަނީ 1200 ސަޕޯޓަރުންނެވެ. އަދި އަފްގާނިސްތާން އަތުން 1-0 އިން ރާއްޖެ ބަލިވި އިރު، އެ މެޗަށް 1028 ސަޕޯޓަރުން ވަދެފައިވެ އެވެ.

މިއީ، ނިސްބަތުން ބަލާއިރު، މިދިޔަ މާޗު މަހު ރާއްޖޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވަން އަދަދަށް ވުރެ ދަށް އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް މާދަމާ އޮންނާނެ އެވެ. އެގޮތުން މާދަމާ ހަވީރު ރާއްޖެ އާއި ޕާކިސްތާނާ ބައްދަލުކުރާ އިރު، އެރޭ އަފްގާނިސްތާން ނުކުންނާނީ ބަންގްލަދޭޝް ދެކޮޅަށެވެ.