މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، އެމް.އެލް.އެސް.ޑީ.ޕީ އަދި ދަ ޑިމޮކްރެޓްސް އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން، އީސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެ ދެ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެމް.އެލް.އެސް.ޑީ.ޕީ އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެމް.އެލް.އެސް.ޑީ.ޕީ އަކީ 2018 ވަނަ އަހަރުގައި ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީއެކެވެ.އަދި މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިކަން 2023ގައި އެ ކޮމިޝަނުން އިއުލާންކުރިއެވެ.

އެހެންނަމަވެސް، ޕާޓީ އުވާލީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ ކަމަށް ބުނެ އެމްއެލްއެސްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަ ނިންމީ ޕާޓީގެ ކޮޅަށް ކަމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަލުން ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފައެވެ.

ޑިމޮކްރެޓްސް އުވާލިއިރު، އެ ޕާޓީއަކީ މިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ބައިބައިވެގެން ރައީސް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ.