މީގެ 12 އަހަރު ކުރިން 2014 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދީފި އެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާ އިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައި ވީނަމަވެސް އެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފައިވެ އެވެ.
މީގެ އިތުރުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވާ އިރު، ފުލުހުން ވަނީ ޝިޔާމަށް ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ވަޒީފާ ހަމަޖައްސައިފަ އެވެ. ޝިޔާމް މިއަދު އެ ވަޒީފާއަށް ނުކުންނަން ފައްޓަވާފައިވާއިރު، މިއީ ލިބޭ ޝަރަފެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެ ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ.
ޝިޔާމަށް ވަޒީފާ އަލުން އިޔާދަކޮށްފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާ އިން ވަކިކޮށްފައިހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތް ދީފައި ނުވާތީ ދައުލަތުން ވަނީ ހުކުމްގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، މީހަކަށް އަނބުރާ ވަޒީފާދޭ ހާލަތުގައި އެ މީހަކަށް ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އެކަމަކު ވަޒީފާ އަނބުރާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހޭނެ އެވެ.
ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށް ކަމަށް ޝިޔާމަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކޯޓުތަކުން ބަލަން ޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކުރިތޯ އަދި އެ މިންވަރުގެ ހެކި ބޯޑަށް ލިބިފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.