ސަރުކާރުން މި އަހަރު އަނބުރާ އަދާކޮށްފައިވާ ދަރަންޏާއެކު އަންނަ އަހަރު ދައްކަންޖެހޭ ދަރަނީގެ މިންވަރު ދަށްވާނެކަމަށް ފިޗުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފިއެވެ.

އެގޮތުން އޭޕްރީލް 2026 ގައި އަނބުރާ ދެއްކި ސޮވެރިން ސުކޫކް ހިމެނޭހެން، 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމާ ގުޅިގެން 2027 ވަނަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަވެގެންދާނެ ކަމަށް ފިޗް ރޭޓިންގްސްއިން ވަނީ ހާމަކޮށްފައެވެ.

ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓް އިއްޔެ އާންމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުންނާއި ދައުލަތުން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ދެއްކުމަށް 1.1 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.

ނަމަވެސް، ސުކޫކް އަނބުރާ ދެއްކުމާ ގުޅިގެން، މި އަހަރުގެ ފަހު ހަ މަސްދުވަހު ދައްކަންޖެހޭ މިންވަރު 535 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.

އަދި 2027 ވަނަ އަހަރު ބޭރުގެ ދަރަނި އަދާކުރަންޖެހޭ މިންވަރު އިތުރަށް ދަށްވާނެ ކަމަށް ފިޗްއިން ލަފާކުރެއެވެ. ހަމައެހެންމެ އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން ހަދާފައިވާ 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްމަންޓް 2031 ވަނަ އަހަރަށް ފަސްކޮށްދިނުމަކީ، ކައިރި މުސްތަގުބަލެއްގައި ދަރަނި ދެއްކުމަށް އޮތް ޕްރެޝަރު ކުޑަވެގެންދިޔަ ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނީ، ދަރަނި ދައްކަންޖެހޭ މިންވަރު ދަށްވެފަައި ވަނީ ސަރުކާރުން ގެންގުޅޭ ހަރުދަނާ ދަރަނި މެނޭޖްކުރުމުގެ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

އަދި އޭޕްރީލް މަހު ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ނެތިގެންދިޔަ ކަމެއް ކަމަށާއި، ފިޗްއިން ރާއްޖޭގެ ރޭޓިންގ 'ސީސީސީ-' އަށް މަތިކުރުމަށް ނިންމި މައިގަނޑު އެއް ސަބަބަކީވެސް އެއީ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާ ގުޅިގެން ލުއި ގޮތްތަކެއްގެ މަތިން ފައިނޭންސިންގ ހޯދުމަށާއި، ބޭރުގެ ރިޒާވް ވަރުގަދަކޮށް، ދަރަނި ދެއްކުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާނެއެވެ.

ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދަރަނި ރިފައިނޭންސް ކުރުމުގެ ޕްރެޝަރު ކުޑަކުރުމަކީވެސް މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.