80،000 އަށްވުރެ ގިނަ ފަތުރުވެރިން ޔޫކޭ އިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވލާތުން ރާއްޖެއަށް 80,580 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގައުމަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވީއިރު، ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
އެގޮތުން ޗައިނާ އިން 144,931 ފަތުރުވެރިން އަދި ރަޝިއާ އިން 126,712 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ކަމުގައިވާ 992,225 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މިހާރު އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ނިމުނު މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.