ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށްފިއެވެ.
މީޑިއާއަކަށް މައުލޫމާތުދެމުން އެފްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ހައުސިން ފުލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރުމާ ގުޅިގެން އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރުމާ ގުޅޭ އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެފްޑީސީން މީގެ ކުރިން ވަނީ، ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން މިދިޔަ ފެބްރުވަރީ މަހު ޖޫރިމަނާކޮށް، އެ ފުލެޓުން ބިދޭސީން ނެރެފައެވެ. އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައިގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ބޯހިޔާވަހިކަމެއް ނެތް ކަމަށް ބުނެ ހޯދާފައިވާ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ފަހި ފުލެޓުތަކާއި، ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. ކުއްޔަށް ދިނުމުގެ އިތުރުން މަހު ކުލި ނުދެއްކުމުގެ މައްސަލަ ވެސް ހިޔާ ފްލެޓްތަކުގައި ވަރަށް އާއްމެވެ.
އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކަށް ކަމަށްވީއިރު، ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ހުއްޓައެއްނުލައެވެ.