ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ޤާއިމުކުރެވޭނީ، އޯގާތެރި މުޖުތަަމައެއް ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާއި، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން މިކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އިސްނަގައިގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް މިކަމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ ަާސާޖިދާ ވަނީ ކުޑަކުދިންނަކީ މި ގައުމުގެ އުންމީދުކަން ފާހަގަކުރައްވާފައެވެ.

މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެ ކުދިންގެ މުސްތަގުބަލަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ކުރިމަގާއި ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.

އަދި ކުޑަކުދިންނަށް އޯގާތެރިވެ އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫންކަމަށާއި، އެ ކުދިންގެ ފިކުރާއި، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަހުލާގީ ބިންގާ އަޅައިދިނުން މުހިއްމު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫންކަމަށްވެސް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް." ސާޖިދާ ވިދާޅުވިއެވެ.

ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެން ނޫން ކަމަށާއި އެކަން ކުރެވޭނީ ކަންކަމަށް ސަމާލުވާ، މަޢުލޫމާތު ލިބިފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މުޖުތަަމައެއް ބިނާކޮށްގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވަނީ ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.