މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާންކޮށްފައިވާ މަތީ ތައުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ކިޔެވުމަށް އެދި ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިއެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕާއި ހާއްސަ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
މިސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން މާސްޓާސް ލެވެލް 9 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މީގެއިތުރުން ސްކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.
މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތު އަދި ރާއްޖޭން ބޭރުގައި ކިޔެވުމަށް ޚާއްޞަކުރެވިފައިވާ 20 ފުރުޞަތެވެ.
މީގެ އިތުރުން، ޒަކާތު ހައުސްއިން ވަނީ ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.
މިސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ އަންނަ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާހަމައަށެވެ. އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހެޅޭނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.