ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއެކު ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިގްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަޝިޕްގެ ނަތީޖާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ އިގްތިސާދީ ހަމަޖެހުން ގާއިމްކުރުުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މި ކާމިޔާބީއަށްޓަކައި ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މީގެއިތުރުން، ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށާއި، އެގޮތުން މިއަދު މިކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފިޗްގެ ރޭޓިން މަތިވުމަކީ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބޭރުގެ ފަރާތްތަކުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ރޭޓިންއާއެކު ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިގްތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައެވެ. އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް "ސީސީ" ރޭޓިންގ "ސީސީސީ -"އަށް މަތިކޮށްފައެވެ.