ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ދ. މީދޫ ސާޔާ، ސިއްދީގު އަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސިއްދީގަކީ މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ.

ސިއްދީގު ނިޔާވުމާ ގުޅިގެން ރައީސް ވަނީ، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ލެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާ ދަންނަވާފަ އެވެ.