އދ. ގެ އިގްތިޞާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ މިއަދު އިންތިހާބުވެއްޖެ އެވެ.
މިއީ 1965 ވަނަ އަހަރު ރާއްޖެއިން އދ. ގެ މެމްބަރަކަށް ވުމަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނި ގޮތުގައި ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގަ އެވެ. އަދި ނިނޭމީ 31 ޑިސެމްބަރު 2029 ގަ އެވެ.
މި އިންތިހާބުގައި ރާއްޖެއިން ކާމިޔާބު ހޯދާފައިވަނީ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިހާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާ އެވެ.
އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިހާބުވުމަކީ، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހެ ކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެއިން އިކޮސޮކްއަށް އިންތިހާބުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އިކޮސޮކްއަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރުވެރި އަދި ތާރީހީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ މުޖުތަމައިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަލައިގަނެ، ރާއްޖެއަށް އިތުބާރު ކުރާކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް މި ލިބުނު ތާއީދާއި އިތުބާރަށްޓަކައި، އދ. ގެ މެންބަރު ގައުމުތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އދ. ގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ އިކޮސޮކްއަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު މަތިވެރި ޝަރަފެއްގެ އިތުރުން، ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ދައުރުގައި، ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ، ގުޅިގެން މަސައްކަތްކުރާ، އަދި ހައްލުތައް ހޯދައިދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަން ކަމަށްވާ އިކޮސޮކްއަކީ އދ. ގެ ނިޒާމުގެ ތެރެއިން އިގްތިޞާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ.