ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ފަސް މަސް ދުވަހު ވިއްކި ޑޮލަރުގެ ތެރެއިން 147 މިލިއަން ޑޮލަރު ދޫކުރީ ވިޔަފާރިތަކަށެވެ. އަދި ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.

އެ މުއްދަތުގައި ވިޔަފާރިތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ވިއްކާފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު މަހަކު 47 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ފަސް މަސް ދުވަހު ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 15 މިލިއަން ޑޮލަރު ވިއްކި އިރު، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެ އަދަދު ވަނީ 29 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކަށް ވިއްކި އަދަދު ވެސް ވަނީ 33 މިލިއަން ޑޮލަރުން މިއަހަރު 40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައިވާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ވަނީ 3.1 މިލިއަން ޓްރާންސްކްޝަން ޑޮލަރުން ހަދާފަ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އަބަދުވެސް އިސްކަންދެނީ ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ކަމަށެވެ.