ދަނޑުވެރިކަމާއި އެއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށްޓަކައި ށ. ގައްލައިދޫ 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ށ. ކޮމަންޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ދޫކުރާ މި ރަށުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކުރުން ކަމަށެވެ.

މީގެ އިތުރުން ކާނާގެ ޔަގީންކަން ކަށަވަރުކޮށްދިނުމާއި، ޕޯލްޓްރީ އާއި ބަކަރި ގެންގުޅުމުގެ އިތުރުން އެކި ބާވަތްތަކުގެ ގަސްގަހާގެހި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ހަމަޖައްސާފައިވަނީ 10 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ށ. ކޮމަންޑޫ ކައުންސިލް އިދާރާގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އައިޑީ ކާޑުގެ އަސްލާއި ވިޔަފާރި ޕްރޮފައިލް ޝީޓްގެ ކޮޕީ ގެންދަންޖެހެއެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މައުލޫމާތު ސާފުކުރުމަށް ނުދާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ހުށަހަޅާ ފަރާތަކީ ކޮމަންޑޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެންނުވާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.