ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފިއެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު ނާޒިމް އިސްތިއުފާދެއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާގޮތުން، އެ އޮފީހުގެ އިސް މަގާމަކަށް ނާޒިމް ހަމަޖައްސަވާފައި ވަނީ މިނިސްޓަރުގެ ފެންވަރުގައެވެ.

ނާޒިމް އެ މަގާމަށް އައްޔަންކުރެއްވީ މި ހަފުތާގެ ތެރޭގައެވެ.

ނާޒިމް އައްޔަނުކުރައްވާފައި ވަނީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

މި ސަރުކާރު ފެށުނު ފަހުން ނާޒިމް އެންމެ ފުރަތަމަ ވެސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. އެއަށްފަހު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2024 ގައެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ ސަރުކާރުން އިސްތިއުފާދެއްވި 10 މިނިސްޓަރަންގެ ތެރޭގައި ނާޒިމް ހިމެނެއެވެ.

އޭރު އިސްތިއުފާ ދެއްވި ބޭފުޅުންނަށް މި ސަރުކާރުން ދަނީ އެހެން މަގާމުތައް ދެއްވަމުންނެވެ.