ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރާ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިފަހައްޓާފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަބްސްކްރިޕްޝަން މުއާމަލާތްތަކަކީ ދުވަހުން ދުވަހަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ ލިމިޓު ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށެވެ.

ބީއެމްއެލް އިން ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތަކަށް ބޭންކުން އެއްވެސް ހުރަހެއް އަޅާފައި ނުވި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ވިޔަފާރިތަކުން އެފަދަ ޕޭމަންޓުތައް ގަބޫލުނުކޮށް 'ޑިކްލައިން' ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ދިމާވާ ކަސްޓަމަރުން ބޭންކާ ގުޅުމުން، އެ މައްސަލައެއް ދެނެގަނެ ވަގުތުން އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ބޭންކުން ވަނީ ދީފައެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ، އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ވެބްސައިޓުތަކުން މުއާމަލާތް ކުރެވޭ އަދަދު ވަނީ ލިމިޓުކޮށްފަ އެވެ.