މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އަންނަ ފުރައިފިއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި ދަތުރުކުރާ ފަރާތްތަކަށް ރާއްޖެ އާދެވޭނީ މިރޭގެ ވަގުތެއްގައެވެ.
ރާއްޖެއިން މި އަހަރު ޙައްޖުވެރިން މައްކާއަށް ގޮސްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުން ފަށައިގެންނެވެ. އެގޮތުން 4 ތާރީޚެއްގައި ޖުމުލަ 4 ފްލައިޓެއްގައި ހައްޖުވެރިން ވަނީ މައްކާއަށް ދަތުރުކޮށްފައެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމަށް ޙައްޖުވެރިން ތިބީ، މެއި މަހުގެ 24 ވަނަ ދުވަހުން ފަށައިގެން، 29ވަނަ ދުވަހުގެ ނިޔަލަށެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ.
މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ގޮސްފައިވެއެވެ.