ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެފައިވާކަން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަށަވަރު ކޮށްދީފައި ވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް ފުރާ މަންޒަރުގެ ވީޑިއޯއެއް ހިއްސާކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން، ﷲގެ ފަޟުލުވަންތަވެރިކަމުން ކާމިޔާބުކަމާއެކު ނިމިގެން ގޮސްފައިވާ ކަމަށާއި، ޙައްޖުވެރިންގެ ކަންކަން މެނޭޖް ކުރުމުގައްޔާއި ޚިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ދައްކައި ދިނީ އެއާ މެދު އުފާކުރުން ޙައްޤު ޚިދުމަތެއް ކަމަށެވެ.

އަދި ދިވެހި ޙާޖީންގެ ކަންކަން ފަސޭހަަކަމާއި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް، ރައީސް ޑރ. ޑރ މުޙައްމަދު މުޢިއްޒު ހިތްވަރު ދެއްވައި ވަރަށް ގާތުން އިރުޝާދާއި އެހީތެރިކަން ދެއްވަމުން ގެންދަވާ ކަމުގައި ޝަހީމް ފާހަގަކުރެއްވި އެވެ. އެހެންކަމުން އިސްލާމީ ދާއިރާގެ ކަންކަމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް ޝުކުރު ދަންނަވާފަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޙައްޖުގެ މަތިވެރި އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން ޙައްޖު ކޯޕަރޭޝަނުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދިނުމަށް ސަޢުދީ ސަރުކާރުން ނިންމެވި ނިންމެވުމަކީ މި ނިޒާމަށް ލިބިގެން ދިޔަ އިތުރު ފުރިހަމަ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ފުރިހަމަކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަނުން ކުރި މިންނެތް މަސައްކަތްތަކުގެ އަގުވަޒަންކޮށް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާއި، ކޯޕަރޭޝަންގެ އެންމެހައި މުވައްޒަފުންނާއި، ޙާޖީންގެ އެހީތެރިންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ހުރިހައި ސަފެއްގައި ޚިދުމަތްކުރެއްވި ފަރާތްތަކަށް މިނިސްޓަރު ޝަހީމް ވަނީ ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިސްޓްރީގެ ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމްކުރާ ސެކްޝަންގެ އެންމެހައި މުވައްޒަފުންނާއި، ޙައްޖު މޫސުމުގައި މިނިސްޓްރީގެ ފަރާތުން މައްކާގައި ޤާއިމުކުރެވުނު ރާއްޖޭގެ ޙައްޖު މިޝަނަށް ވެސް ޝަހީމް ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން، ޙައްޖުގެ ކަންކަން ފުރިހަމަކާއެކު ނިމިގެން ދިޔައީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރެެއްވި މިންނެތް މަސައްކަތުން ކަމުގައި ފާހަގަކުރައްވައި، ސަޢުދީގެ ސަރުކާރަށާއި އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.