ރާއްޖޭގައި ދިރިއުޅޭ ބަންގްލާދޭޝް މީހަކު އޭނާގެ އަނބިމީހާ ރާއްޖެއަށް ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
އެގޮތުން އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.
މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނީ އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުވާ ކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ފިރިހެން މީހާ ކޯޓުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.
އެކަމަކު އޭނާގެ މައްޗަށް ތުހުމަތުވާ ކަންކަން ކުރި ކަމަށް ބެލެވޭ ކޮންމެވެސް ވަރެއްގެ ހެކި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާއާ ގުޅޭ ލިޔެކިޔުންތައް ހިމެނެއެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި އެ ފިރިހެން މީހާ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.