ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި 530 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ބުނެފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ 8:00ގައި ކަމަށް ވީއިރު، އިސީން ވަނީ 10:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް އާންމުކޮށްފައެވެ.

އެގޮތުން ވޯޓުލީމީހުންގެ ތެރޭގައި 242 އަންހެނުންނާއި، 288 ފިރިހެނުން ހިމެނޭ ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި ވޯޓުނުލާ 3591 މީހުން ވާކަންވެސް އީސީން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 125 އަންހެނުންނާއި، 155 ފިރިހެނުން ވޯޓުލާފައިވަނީ 9:00 ގެ ކުރިންއެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރާ އިރު، މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގައެވެ.

އެހެންކަމުން މި އިންތިހާބުގައި ވާދަކުރައްވަނީ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވާ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސާދިގެވެ.

އީސީން ބުނީ މި އިންތިހާބު ކުރިއަށްދާނީ ހަވީރު 4:00 ހަމައަށް ކަމަށެވެ.