17 ބިދޭސީއެއް ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގުރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 17 ބިދޭސީއެއް ބަލާ ފާސްކޮށް، 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާއީ އަދި އިގްތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. އެހެން ކަމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.
އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކޮށް ގަވާއިދާ ހިލާފަށް އުޅޭ އަދި ގަވާއިދާ ހިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.