މައްސަލައެއް ދިމާނުވެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވީ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ.

އޭނާ ވަނީ ވީހާވެސް ގިނަ މީހުން ހެނދުނުގެ ވަގުތު ވޯޓުލުމަށް އިލްތިމާސް ކޮށްފައެވެ.

އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުން އިންތިޚާބު ބޭއްވެނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށްވާތީވެ، ހާއްސަކޮށް އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް ކަމެއް ނުވަތަ ކާރިސާއެއް ނުހިނގާނަމަ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށް. ކޮމިޝަންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ވަގުތު ވަޑައިގެން ވޯޓުލައްވާ ޤާނޫނީ ޒިންމާ އަދާކުރެއްވުން "

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު

މީގެ އިތުރުން ވޯޓުލާން ދާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ލިއުމެއް ގެންދެވޭކަން ޔަގީން ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. ވޯޓުލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެވެ. މި ލިއުންތައް ގެންދާއިރު މުއްދަތު ހަމަވެފައިވާނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް އީސީން ފާހަގަކޮށްފައިވެއެވެ.

އޭނާ ވަނީ އިންތިހާބު ކުރިއަށްދާއިރު ކެމްޕެއިން ކުރުން މަނާ ގަޑިތަކަށް ސަމާލުވެ، އިންތިހާބުގެ ވަގުތު ކެމްޕެއިންގެ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގާނޫނުގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ހަމަމިއާއެކު ވޯޓުލާ މަރުކަޒުތަކުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވާއިރު އެ މީހުންނަށް ޒިންމާ އަދާކުރުމަށް ދަތިނުވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށާއި، އެހެން އިންތިހާބުތަކާއި އެއްގޮތަށް ވޯޓުގެ ނަތީޖާ ރައްޔިތުންގެ ވޯޓުލީ ގޮތަށް ގެނެސްދޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.