މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި 32.61 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ބުނެފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށާފައި ވާއިރު،، އީސީން ވަނީ 01:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް އާންމުކޮށްފައެވެ.

އެގޮތުން ޖުމްލަ 1344 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 665 އަންހެނުން އަދި 679 ފިރިހެނުން ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި ވޯޓު ނުލާ 2777 މީހަކު އެބަތިބިކަމުގައި އީސީން ވަނީ ފާހަގަކޮށްފައެވެ.

މި ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރާ އިރު، މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގައެވެ.

އެހެންކަމުން މި އިންތިހާބުގައި ވާދަކުރައްވަނީ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވާ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސާދިގެވެ.

އީސީން ބުނީ މި އިންތިހާބު ކުރިއަށްދާނީ ހަވީރު 4:00 ހަމައަށް ކަމަށެވެ.