މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތަށް ޖޫން 7 ވަނަ ދުވަހުގެ 00:00 އިން ފެށިގެން މަސައްކަތް ކުރިއަށްދާ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށް ބަންދުކުރަން ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ކަމަށް ވާއިރު، ފުލުހުން ވަނީ ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް އާންމުކޮށްފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ސެގްމަންޓް 4 ގެ ސަބް-ގްރޭޑިން މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތުގެ 52 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ނަރުދަމާ އާއި ފެނުގެ އާ ކަނެކްޝަންތައް ދީ ނިންމުމަށް އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ފެންބޮޑުވުން ހައްލުކުރުމަށް ގާއިމުކުރާ ސްޓޯމްވޯޓަ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހަފްތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަހައްދެއްގައި ކެޕިން ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެމްޓީސީސީން މައުލުމާތުދެ އެވެ.
ބޮޑުތަކުރުފާނުމަގުގެ މަޝްރޫއުގެ ތެރެއިން، އެ މަގު ފެހިކުރުމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.