ޒަމާނީ ޑިޖިޓަލް ނިޒާމްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުރިމަގުގެ ތަޞައްވުރެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ޤީލާ މިހެން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ.ނިލަންދޫގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ރާއްޖެއަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ބަރޯސާވާ ޤައުމެއް ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ރައްޔިތުން ކެއުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ރައްކާތެރި އަދި ފެންވަރު ހުރި އެއްޗަކަށް ވާންޖެހޭ ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެެރިކަމުގެ ޤާނޫނު 23 މެއި 2024ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްދެއްވުމަކީ މިދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް ޤީލާ ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ނިޒާމް ފެއްތުމަށް އެޅުނު ވަރުގަދަ ބިންގަލެއްކަމަށް ކަމަށްވެސް ގީލާ ވިދާޅުވިއެވެ.
އަމާޒަކީ ޞިއްޙީ ދާއިރާއާއި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރާނެ އިންތިޒާމު ފުޅާކުރުންކަމަށާއި ކާބޯތަކެތި ތައްޔާރުކުރުމާއި އާންމުން ހޭލުންތެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް ގީލާ ވިދާޅުވިއެވެ.
ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ކުރިމަގަށް ގެންގުޅޭ ތަސައްވުރަކީ ޒަމާނީ ޑިޖިޓަލް ނިޒާމްތަކެއްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.
ޤީލާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫންކަމަށާއި، މިއީ އެންމެންގެ ޤައުމީ ޒިންމާއެއް ކަމަށެވެ.