ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ފާހަގަކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 07 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "ބާޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއާ" މިޝިއާރެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނީ، މިއަހަރުގެ ޝިޔާރާއި ގުޅިގެން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަން ގެއްލި، އެކި ބަލިތަކަށް މަގުފަހިވާކަމާއި، ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލިތައް މަދު ކުރުމަށް ރައްކާތެރި ކާބޯތަކެތީގެ މާހައުލެއް ގާއިމުކުރުމުގެ މުހިއްމުކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައިންޓިފިކް ހޯދުންތަކުގެ ބޭނުންހިފައި، ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ މުހިއްމު ކަމުގެ މައްޗަށް ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން އާންމުންނަށް ވިސްނުވައި ދިނުމާއި، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކާ މެދު ހޭލުންތެރިކުރުމާއި، ރައްކާތެރި ކާބޯތަކެތި އެންމެންނަށް ލިބިދިނުމަށް މަގުފަހިކުރުމެވެ.
ދުވަހާއި ގުޅިގެން ނިލަންދޫގައި ވަނީ އެކި ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން އެ ވުޒާރާއިން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ނިލަންދޫގައި ދޮރުން ދޮރަށް ހަރަކާތެއް ބާއްވާފައިވާ ކަމަށާއި، މި ހަރަކާތުގައި ގޭގައި ރައްކާތެރި ކާމާއިއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ އުސޫލުތަކާއި އާދަތައް އާންމުންނަށް ކިޔައިދިނުން ކުރިއަށް ގެންދިޔަ ކަމަށެވެ.
އަދި ސުކޫލު ކުދިންނަށް ޙާއްސަކޮށްގެން އެސެމްބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެމްބްލީގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެންހާ މުހިއްމު ކަންތައްތަކަށް އަހުލުވެރިކުރުން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުވާހައި ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަރިހުގައި ނިލަންދޫ ދާއިރާގެ އިޒަތްތެރި މެންބަރު ފާތިމަތު ސައުދާ އާއި ކައުސިލްގެ ރައީސްގެ އިތުރުން މިނިސްޓްރީއާއި ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެފްޑީއޭގެ ލޯގޯ އިފްތިތާހުކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ތައްޔާރުކުރެވިފައިވާ “ސަމާވަރު” ޕްރޮގްރާމް އިފްތިތާހުކުރުން ހިމެނެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ހިސާބުތައް ދައްކާގޮތުން، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 600 މިލިއަން މީހުން ބަލިވެ، 420,000 މީހުން ފުރާނަ ދޫކުރާއިރު، މިބަލިތަކުން އަސަރުކުރުވާ މީހުންގެ 40 ޕަސެންޓަކީ 5 އަހަރުން ދަށުގެ ކުދިންކަމަށް ހިސާބުތައް ދައްކައެވެ.
އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އުފައްދާ ފަރާތުން ފެށިގެން ބޭނުންކުރާ ފަރާތްތަކާއި ހަމައަށް ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެތަކެތި އުފެއްދުމުން ފެށިގެން ބޭނުންކުރުމާ ހަމައަށް ހިމެނޭ ހުރިހާ މަރުހަލާއެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކޮށްގެން ކަމަށެވެ.
މީގެ ތެރޭގައި ދަނޑުވެރިކަމާ، ކާބޯތަކެތި ތައްޔާރުކުރުމާ ގުދަންކުރުމުގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުން ހިމެނޭއިރު، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށްޓަކައި ބަލިތައް ފެތުރޭ ގޮތުގެ މައުލޫމާތު ހޯދާ، އެކަންކަމަށް އަމަލީ ގޮތުން ހައްލު ހޯދުމަކީ ވެސް އެންމެންގެ ޒިންމާއެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.