މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކަށް ވަދެ، އެތަނުން ބިޑިތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު 2 އަހަރަށް ޖަލަށްލައިފިއެވެ.
ކްރިމިނަލް ކޯޓުން 2 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ އއ. ތޮއްޑޫ، ރަތްވިލާގެ، އަލީ އަދުހަމެވެ. މިމައްސަލައިގައި އިތުރު މީހަކު ޖުރިމަނާ ކޮށްފައިވާއިރު، ޖޫރިމަނާކޮށްފައިވަނީ މ. ކޮޅުފުށި، ބިޖިލީގެ، މުހައްމަދު ރަޝީދެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 19:00 އެހާކަންހާއިރު، އެ ދެމީހުން މާލެ، ލިލީ މަގުގައި ހުންނަ އަމީނިއްޔާ ސްކޫލުގެ ގޭޓު ކައިރިއަށް ގޮސް، ޓިނު ބޭނުންކޮށްގެން އަމީނިއްޔާ ސްކޫލް ބަންދުކޮށްފައިވާ ސަރަހައްދު ގޭޓު ކައިރީ ޖަހާފައި ހުރި ދަގަނޑު ހޮޅި މައްޗަށް އަރައިގެން އެސްކޫލް ތެރެއަށް އަދުހަމް ފުންމާލައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ބޭނުން ކުރާ 18 ބިޑި ވަގަށް ނަގާފައިވާތީ ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލައިގައި މި ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އަދި އަދުހަމްގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.
މި ދައުވާއަށް 2 މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އެގޮތުން އަދުހަމް ބުނެފައިވަނީ ފުލުހުން އެސަރަހައްދަށް ދިޔައިރު، އޭނާ ހުރި މަގުމަތީ ކަމަށާއި އެއީ އެންމެންނަށް ވެސް ހުއްދަ އޮންނަ ތަނެއް ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނަގައިގެން ގެންދަން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ދައުވާގައި ބުނާ ތަނަށް ވަދެފައި ނުވާނެ ކަމަށާއި މީހަކަށް އެހީތެރި ވެސް ވެފައި ނުވާނެ ކަމަށް މުހައްމަދު ރަޝީދު ބުނެފައިވެއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އަދަބަކީ 2 މަހާއި 12 ދުވަސް ކަމަށްވާއިރު، ދައުލަތުން ވަނީ ދެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު 1 ދަރަޖަ މަތި ކުރަން ޖެހޭކަން ފާހަގަކޮށްފައެވެ.
މި ދައުވާ ދެމީހުންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއިރު، އަދުހަމް ވަނީ ތަކުރާރުކޮށް ޝަރީއަތުގެ ނިންމުމަށް ގޮންޖަހައި ޝަރިއަތުގެ ހުރުމަތް ކަނޑާލާފައެވެ.
ހުށަހެޅުނު ދައުވާއާއި އަދަބުތަކަށް ބަލާލާއިރު، އަދުހަމަށް ކޮށްފައިވާ ދައުވާތަކަށް ބަލާލާއިރު، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ގުޅިގެން 3 މަސް ދުވަހަށް ޖަލަށްލުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގުޅިގެން 1 އަހަރަށް ޖަލަށްލުން، (ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު 10 މަހާއި 22 ދުވަސް)ކޯޓުގެ ހުރުމަށް ކަނޑާލި މައްސަލަ (9 މަހަށް ޖަލަށްލުން) ހިމެނެއެވެ.
މުހައްމަދު ރަޝީދަށް ކޮށްފައިވާ ދައުވާތަކަށް ބަލާލާއިރު، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ގުޅިގެން 3 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން، ( 3 މަސް ދުވަހުގެ ތެރެއިން ޖަލުގައި 6 ދުވަސް ހޭދަ ކުރުމަށް ހުކުމްކޮށް، ބާކީ 16،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުން) ހިމެނެއެވެ.