ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ ރައްކާތެރި ކާބޯތަކެތީގެ ސަބަބުން އާންމު ސިއްހަތަށާއި، ދެމެހެއްޓެނިވި ތަރައްގީއަށާއި، އިންސާނާގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާކަމަށާއި، މިއީ ސިއްހީ ނިޒާމަށާއި، ދިރިއުޅުމުގެ ވަސީލަތްތަކަށާއި، ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ބުރައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއާއެކު، ނިޒާމުތައް ހަރުދަނާކޮށް، ތަފާސްހިސާބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅުތައް އަޅައި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިފަދަ ގިނަ ބަލިތަކުން ރައްކާތެރިވެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކެއްގެ ތެރެއިން ފޯރުކޮށްދޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރައީސް ތަކުރާރުކުރެއްވިއެވެ.

އެގޮތުން، މި އަޒުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ސަރުކާރުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރުކޮށް ޓެސްޓުކުރުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ބަލިތައް ދެނެގަތުމާއި، އެކަންކަމަށް ފިޔަވަޅުއެޅުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކުންވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ހޯދައި، ގޭގޭގައި ކާބޯތަކެތި ގެންގުޅުމުގައި ރައްކާތެރި ގޮތްތައް އިސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ނުރައްކާތެރި ކާބޯތަކެއްޗާއި ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަކްލީފުތައް އިތުރަށް ބޮޑުވަމުންދާ ގައްޒާ ހިމެނޭހެން، ކާރިސާތަކާއި އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތްތައް ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބައިނަލްއަގުވާމީ މުޖުތަމައުން ސައިންސާއި ހެކިތަކުގެ އަލީގައި، އަދި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ގޮވާލައްވަމުން، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ބުރަ ކުޑަކުރުމަށާއި، އެންމެންނަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވެސް، ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މެސެޖެއް ހިއްސާ ކުރައްވާފައެވެ.

އެކަމަނާގެ މެސެޖުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި، އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތައް ހިމެނޭހެން އެންމެންގެ ހިއްސާ އޮންނަ ޖަމަޢީ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށާއި، އާންމު ސިއްހަތު ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.