ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
ހައްޖުގެ އަޅުކަމަށް ފަހު ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ.
ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
އެގޮތުން އެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ.
ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ގޮސްފައިވެއެވެ.