ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފިއެވެ.

އެކަމަނާ މި ދަނޑު ހުޅުއްވައިދެއްވީ މިއަދު ހަވީރު އެ ރަށަށް ޒިޔާރަތް ކުރައްވާ، ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި އެ ކަމަނާގެ އަރިހުގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅެވުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

އަދި އެ ކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުޙީބުދެއްވާފައެވެ.

1 – 0 ގެ ނަތީޖާއަކުން މި މެޗް ކާމިޔާބު ކުރީ ފ. ނިލަންދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ޓީމުންނެވެ.

މެޑަމް ސާޖިދާ މުހައްމަދު މިއަދު ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައި ވެއެވެ.