ފިލިޕީންސްގެ މިންޑަނާއޯ ސަރަހައްދަށް ރޭ ފަތިހު 8.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑުގެ އެއްވެސް ހިސާބަކަށް ސުނާމީގެ ބިރެއް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މި ބިންހެލުން އައިސްފައިވަނީ މިއަދު ފަތިހު ރާއްޖެ ގަޑިން 4:37 އެހާކަން ހާއިރު ކަމަށެވެ. އެގޮތުން ރިކްޓަ މިންގަނޑުން 8.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 93 ކިލޯމީޓަރު އަޑިން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި މި ބިންހެލުން އައި ސަރަޙައްދަކީ ރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 5.7 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެން ކަމުން މި ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، ތިން މީހުން މަރުވެ ހަތަރު މީހުން ވަނީ ޒަޚަމުވެފައެވެ.
އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނިގޮތުގައި، ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހެނދުނު 7:40 އެހާކަން ހާއިރު، ބިމުގެ ސަތަހައިން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި ގައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.